
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބަރުދަން ލުއިކޮށްދޭ ބެރިއަޓްރިކް ސާޖަރީ ހަދަން ރަސްމީކޮށް ފަށައިފިއެވެ. މިކަމުގެ އުފާވެރި ޚަބަރު އާންމުކުރެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހަލީމް ވިދާޅުވީ ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، އާދަޔާ ހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެއް ކަމަށެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ މުހިންމު ހިދުމަތެއް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މި އޮޕެރޭޝަންތަކުން ހާސިލުވާ ފައިދާތަކުގެ ތެރޭގައި ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނޭ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުންވެސް މި އޮޕެރޭޝަންގެ ސަބަބުން ހާސިލުވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޓައިޕް ޓޫ ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރައްކާތެރިވުމަށް އެހީތެރިވުން ހިމެނެއެވެ.