ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިއިރު، މިއަދު ހަވީރު ހުޅުމާލެ އަދި ރާއްޖޭގެ ރަށްތަކުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކާއެކު އެ އިވެންޓް ކުރިއަށްގެންދިޔައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 32 ރަށެއްގައި، އަދި 3 ރިސޯޓެއްގައިވެސް ވަނީ މި ހަރަކާތް ބާއްވާފައެވެ.
އުރަމަތީގެ ކެންސަރަކީ ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކު ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މިފަދަ ހަރަކާތްތަކުގެ ބޭނުމަކީ މި ބައްޔާއި ބެހޭ ގޮތުން މީހުން ހޭލުންތެރިކޮށް، އެ ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން އަންގައިދިނުމެވެ.\ސީއެސްއެމް އަކީ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް (ނަފްސާނީ އަދި އިޖްތިމާއީ) އެހީ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން އަންނަނީ ކެންސަރާ ގުޅުންހުރި ގިނަ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.
2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ރަން އަށް 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން-ވޯކް" ބޭއްވުމަށް ބީއެމްއެލް އިން އަންނަނީ މެދުނުކެނޑި އެހީތެރިވަމުންނެވެ. މީގެ އިތުރުން، ސީއެސްއެމްގެ އެކި ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ ގިނަ ފަހަރު މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.